بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
قُلۡ أُوحِىَ إِلَىَّ أَنَّهُ ٱسۡتَمَعَ نَفَرٌ۬ مِّنَ ٱلۡجِنِّ فَقَالُوٓاْ إِنَّا سَمِعۡنَا قُرۡءَانًا عَجَبً۬ا 1
ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآنގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحىއިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قومގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائبވާފަދަ قرآنއެއްގެ އަޑު އަހައިފީމުއެވެ.
يَہۡدِىٓ إِلَى ٱلرُّشۡدِ فَـَٔامَنَّا بِهِۦۖ وَلَن نُّشۡرِكَ بِرَبِّنَآ أَحَدً۬ا 2
އެ قرآن މަގުދައްކަނީ، حقތެދުމަގަށެވެ. ފަހެ، ތިމަންމެން އެ قرآنއަށް إيمانވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން شريكއެއް ނުކުރާނަމެވެ.
وَأَنَّهُ ۥ تَعَـٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَـٰحِبَةً۬ وَلَا وَلَدً۬ا 3
އަދި އަޅަމެންގެ ވެރިރަސްކަލާނގެ عظمةތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެކަލާނގެ އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ.
وَأَنَّهُ ۥ كَانَ يَقُولُ سَفِيہُنَا عَلَى ٱللَّهِ شَطَطً۬ا 4
އަދި ތިމަންމެންގެ ތެރެއިން جاهلކަންބޮޑު މީހާ، اللَّهއާމެދު حقން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ.
وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلۡإِنسُ وَٱلۡجِنُّ عَلَى ٱللَّهِ كَذِبً۬ 5
އަދި اللَّهއާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ.
وَأَنَّهُ ۥ كَانَ رِجَالٌ۬ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٍ۬ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقً۬ا 6
އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) كافرކަމާއި ބޮޑާކަން އިތުރުކުރޫއެވެ.
وَأَنَّہُمۡ ظَنُّواْ كَمَا ظَنَنتُمۡ أَن لَّن يَبۡعَثَ ٱللَّهُ أَحَدً۬ا 7
އަދި ތިޔަބައިމީހުން (އެބަހީ: ޖިންނީން) ހީކުރިފަދައިން އެއުރެންވެސް (އެބަހީ: އިންސީންވެސް) ހީކުރީ، اللَّه، އެއްވެސް މީހަކު އަލުން ދިރުމަކަށް ނުފޮނުއްވާނެކަމަށެވެ.
وَأَنَّا لَمَسۡنَا ٱلسَّمَآءَ فَوَجَدۡنَـٰهَا مُلِئَتۡ حَرَسً۬ا شَدِيدً۬ا وَشُہُبً۬ا 8
އަދި ތިމަންމެން އުޑުގެ خبرހޯދަން އުޅުނީމުއެވެ. ފަހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ ملائكةންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ.
وَأَنَّا كُنَّا نَقۡعُدُ مِنۡہَا مَقَـٰعِدَ لِلسَّمۡعِۖ فَمَن يَسۡتَمِعِ ٱلۡأَنَ يَجِدۡ لَهُ ۥ شِہَابً۬ا رَّصَدً۬ا 9
އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލަޔެކެވެ.
وَأَنَّا لَا نَدۡرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلۡأَرۡضِ أَمۡ أَرَادَ بِہِمۡ رَبُّہُمۡ رَشَدً۬ا 10
އަދި ބިމުގައިވާ މީހުންނަށް އިރާދަކުރައްވާފައިވަނީ، ނުބަޔަކަށްކަން، ނުވަތަ އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް އިރާދަކުރައްވާފައިވަނީ، ތެދުމަގަކަށްކަން ތިމަންމެންނަކަށް ނޭނގެއެވެ.
وَأَنَّا مِنَّا ٱلصَّـٰلِحُونَ وَمِنَّا دُونَ ذَٲلِكَۖ كُنَّا طَرَآٮِٕقَ قِدَدً۬ا 11
އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.
وَأَنَّا ظَنَنَّآ أَن لَّن نُّعۡجِزَ ٱللَّهَ فِى ٱلۡأَرۡضِ وَلَن نُّعۡجِزَهُ ۥ هَرَبً۬ا 12
އަދި ތިމަންމެންނަށް ބިމުގައި اللَّه ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެކަލާނގެއަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން يقينކުރަމުއެވެ.
وَأَنَّا لَمَّا سَمِعۡنَا ٱلۡهُدَىٰٓ ءَامَنَّا بِهِۦۖ فَمَن يُؤۡمِنۢ بِرَبِّهِۦ فَلَا يَخَافُ بَخۡسً۬ا وَلَا رَهَقً۬ا 13
އަދި ތިމަންމެން ތެދުމަގުގެ އަޑު (އެބަހީ: قرآنގެއަޑު) އެހިހިނދު، ތިމަންމެން އެއަށް إيمانވެއްޖައީމުއެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއަށް إيمانވާ މީހާ (ދަންނާށެވެ!) ފަހެ، ދަރުމަ އުނިކުރައްވައިފާނެކަމަކަށް، އަދި އަނިޔާލިބިދާނެކަމަކަށް އެމީހާ ބިރެއްނުގަންނާނެތެވެ.
وَأَنَّا مِنَّا ٱلۡمُسۡلِمُونَ وَمِنَّا ٱلۡقَـٰسِطُونَۖ فَمَنۡ أَسۡلَمَ فَأُوْلَـٰٓٮِٕكَ تَحَرَّوۡاْ رَشَدً۬ا 14
އަދި ތިމަންމެންގެ ތެރެއިން مسلمންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، إسلامވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު اختيارކޮށްފޫއެވެ.
وَأَمَّا ٱلۡقَـٰسِطُونَ فَكَانُواْ لِجَهَنَّمَ حَطَبً۬ا 15
އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވޫއެވެ.
وَأَلَّوِ ٱسۡتَقَـٰمُواْ عَلَى ٱلطَّرِيقَةِ لَأَسۡقَيۡنَـٰهُم مَّآءً غَدَقً۬ا 16
އެއުރެން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަންރަސްކަލާނގެ، ހަމަކަށަވަރުން، އެއުރެންނަށް ގިނަވެގެންވާ ފެން (އެބަހީ: رزق ތަނަވަސްކުރެއްވުން) ދެއްވާހުށީމެވެ.
لِّنَفۡتِنَهُمۡ فِيهِۚ وَمَن يُعۡرِضۡ عَن ذِكۡرِ رَبِّهِۦ يَسۡلُكۡهُ عَذَابً۬ا صَعَدً۬ا 17
(އެއީ) ތިމަންރަސްކަލާނގެ، އެއުރެން އެކަމުގައި امتحانކުރެއްވުމަށްޓަކައެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާ (ދަންނާށެވެ!) ގަދަފަދަވެގެންވާ عذابއަކަށް އެކަލާނގެ އެމީހާ ވައްދަވާހުށްޓެވެ.
وَأَنَّ ٱلۡمَسَـٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدً۬ا 18
އަދި މިސްކިތްތައް ވަނީ اللَّهއަށެވެ. ފަހެ، ތިޔަބައިމީހުން اللَّهއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!
وَأَنَّهُ ۥ لَمَّا قَامَ عَبۡدُ ٱللَّهِ يَدۡعُوهُ كَادُواْ يَكُونُونَ عَلَيۡهِ لِبَدً۬ا 19
އަދި اللَّهގެ އަޅާ،(އެބަހީ:މުޙައްމަދުގެފާނު) އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަތްހިނދު (އެ ޖިންނީންގެ) جماعةތައް އެކަލޭގެފާނުގެ އަރިހަށް (އެކަލޭގެފާނު ކިޔަވައި ވިދާޅުވާ އަޑު އެހުމަށް) ބޮނޑިވެގަތުމާ ގާތްވޫއެވެ.
قُلۡ إِنَّمَآ أَدۡعُواْ رَبِّى وَلَآ أُشۡرِكُ بِهِۦۤ أَحَدً۬ا 20
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަޅުކަންކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެކަލާނގެއާ شريكއެއް ނުކުރައްވަމެވެ.
قُلۡ إِنِّى لَآ أَمۡلِكُ لَكُمۡ ضَرًّ۬ا وَلَا رَشَدً۬ا 21
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ.
قُلۡ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌ۬ وَلَنۡ أَجِدَ مِن دُونِهِۦ مُلۡتَحَدًا 22
ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّهގެ عذابން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
إِلَّا بَلَـٰغً۬ا مِّنَ ٱللَّهِ وَرِسَـٰلَـٰتِهِۦۚ وَمَن يَعۡصِ ٱللَّهَ وَرَسُولَهُ ۥ فَإِنَّ لَهُ ۥ نَارَ جَهَنَّمَ خَـٰلِدِينَ فِيہَآ أَبَدًا 23
އެހެނެއްކަމަކު (ތިމަންކަލޭގެފާނަށްއޮތީ) اللَّهގެ حضرةން އަންގަވާ އެންގެވުމަކާއި، އެކަލާނގެ رسالةތައް އިއްވެވުމެވެ. اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ فَسَيَعۡلَمُونَ مَنۡ أَضۡعَفُ نَاصِرً۬ا وَأَقَلُّ عَدَدً۬ا 24
އެއުރެންނަށް وعدކުރައްވާފައިވާ عذابފެނިއްޖައުމަށް ދާނދެނެވެ. ފަހެ، އެހިނދު نصرދޭ މީހުންގެ ގޮތުން ނިކަމެތި، އަދި عددގެގޮތުން މަދީ ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
قُلۡ إِنۡ أَدۡرِىٓ أَقَرِيبٌ۬ مَّا تُوعَدُونَ أَمۡ يَجۡعَلُ لَهُ ۥ رَبِّىٓ أَمَدًا 25
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް وعدކުރައްވާ عذاب ގާތްވެއްޖެކަމެއްވެސް، ނުވަތަ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަމަކަށް ދިގުމުއްދަތެއް ލައްވާނެކަމެއްވެސް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަނެއެވެ.
عَـٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦۤ أَحَدًا 26
(އެކަލާނގެއީ) غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ غيب އެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ.
إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٍ۬ فَإِنَّهُ ۥ يَسۡلُكُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ رَصَدً۬ا 27
އެކަލާނގެ ރުހިވޮޑިގެންވާ رسولއަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެ رسولއެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ ملائكةން ފޮނުއްވަތެވެ.
لِّيَعۡلَمَ أَن قَدۡ أَبۡلَغُواْ رِسَـٰلَـٰتِ رَبِّہِمۡ وَأَحَاطَ بِمَا لَدَيۡہِمۡ وَأَحۡصَىٰ كُلَّ شَىۡءٍ عَدَدَۢا 28
(އެއީ) އެބޭކަލުންގެ ވެރިރަސްކަލާނގެ رسالةތައް އެބޭކަލުން އިއްވެވިކަން ދެނެވޮޑިގެންވެ، އެކަން ހާމަވުމަށްޓަކައެވެ. އަދި އެބޭކަލުންގެ މެދުގައި ވާހާ ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތއެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއްގެ عدد ދެނެވޮޑިގެންވެއެވެ.