بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِۖ لَهُ ٱلۡمُلۡكُ وَلَهُ ٱلۡحَمۡدُۖ وَهُوَ عَلَىٰ كُلِّ شَىۡءٍ۬ قَدِيرٌ 1
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّهއަށް تسبيحކިޔަތެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި حمدހުރީވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
هُوَ ٱلَّذِى خَلَقَكُمۡ فَمِنكُمۡ ڪَافِرٌ۬ وَمِنكُم مُّؤۡمِنٌ۬ۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٌ 2
އެކަލާނގެއީ، ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން كافرން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން مؤمنންވެސް ވެއެވެ. އަދި اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
خَلَقَ ٱلسَّمَـٰوَٲتِ وَٱلۡأَرۡضَ بِٱلۡحَقِّ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡۖ وَإِلَيۡهِ ٱلۡمَصِيرُ 3
އެކަލާނގެ އުޑުތަކާއި، ބިން حقގޮތުގައި ހެއްދެވިއެވެ. އަދި ތިޔަބައިމީހުން صورةކުރައްވައި، ދެން ތިޔަބައިމީހުންގެ صورةތައް ރިވެތިކުރެއްވިއެވެ. އަދި އެނބުރި ދިޔުންވަނީ، އެކަލާނގެ حضرةއަށެވެ.
يَعۡلَمُ مَا فِى ٱلسَّمَـٰوَٲتِ وَٱلۡأَرۡضِ وَيَعۡلَمُ مَا تُسِرُّونَ وَمَا تُعۡلِنُونَۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ 4
އުޑުތަކާއި، ބިމުގައިވާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި اللَّهއީ، ހިތްތަކުގައިވާހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
أَلَمۡ يَأۡتِكُمۡ نَبَؤُاْ ٱلَّذِينَ كَفَرُواْ مِن قَبۡلُ فَذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٌ۬ 5
މީގެކުރިން كافرވިމީހުންގެ خبر، ތިޔަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ ފަހެ، އެއުރެންކުޅަ ކަންތަކުގެ ނުބައި ނަތީޖާގެ ރަހަ، އެއުރެން ލިބިގަތޫއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذابހުށްޓެވެ.
ذَٲلِكَ بِأَنَّهُ ۥ كَانَت تَّأۡتِيہِمۡ رُسُلُهُم بِٱلۡبَيِّنَـٰتِ فَقَالُوٓاْ أَبَشَرٌ۬ يَہۡدُونَنَا فَكَفَرُواْ وَتَوَلَّواْۚ وَّٱسۡتَغۡنَى ٱللَّهُۚ وَٱللَّهُ غَنِىٌّ حَمِيدٌ۬ 6
އެއީ އެއުރެންގެ ގާތަށް އެއުރެންގެ ރަސޫލުން ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގަތުމުން، ފަހެ، ތިމަންމެންނަށް ތެދުމަގު ދައްކަނީ، آدمގެދަރިންތަކެއް ހެއްޔޭ، އެއުރެން ބުނެ، އެއުރެން كافرވެ، ފުރަގަސްދިނީތީއެވެ. އަދި اللَّهފުދިވޮޑިގެންވެއެވެ. اللَّهއީ، ފުދިވޮޑިގެންވާ، حمدލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.
زَعَمَ ٱلَّذِينَ كَفَرُوٓاْ أَن لَّن يُبۡعَثُواْۚ قُلۡ بَلَىٰ وَرَبِّى لَتُبۡعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلۡتُمۡۚ وَذَٲلِكَ عَلَى ٱللَّهِ يَسِيرٌ۬ 7
كافرވިމީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި عملތަކުގެ خبر، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، اللَّهއަށް ދާދިފަސޭހަ ކަމެކެވެ.
فَـَٔامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلنُّورِ ٱلَّذِىٓ أَنزَلۡنَاۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٌ۬ 8
ފަހެ، ތިޔަބައިމީހުން اللَّهއަށާއި، އެކަލާނގެ رسولއާއަށާއި، ތިމަންރަސްކަލާނގެ ބާވައިލެއްވި نورއަށް (އެބަހީ: قرآنއަށް) إيمانވާށެވެ! اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
يَوۡمَ يَجۡمَعُكُمۡ لِيَوۡمِ ٱلۡجَمۡعِۖ ذَٲلِكَ يَوۡمُ ٱلتَّغَابُنِۗ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَـٰلِحً۬ا يُكَفِّرۡ عَنۡهُ سَيِّـَٔاتِهِۦ وَيُدۡخِلۡهُ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِہَا ٱلۡأَنۡهَـٰرُ خَـٰلِدِينَ فِيہَآ أَبَدً۬اۚ ذَٲلِكَ ٱلۡفَوۡزُ ٱلۡعَظِيمُ 9
(އެންމެހައިމީސްތަކުން) އެއްކުރެއްވުމުގެ ދުވަހަށް، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އެއީ تغابنގެ ދުވަހެވެ. (އެބަހީ: قيامةދުވަހެވެ.) اللَّهއަށް إيمانވެ، صالح عملކުރާ މީހާޔަށް އޭނާގެ ކުށްތައް އެކަލާނގެ އޭނާގެ ކިބައިން ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ އޭނާ ވައްދަވާނެތެވެ. އެތާނގައި، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيبލިބުމަކީ އެއީއެވެ.
وَٱلَّذِينَ كَفَرُواْ وَڪَذَّبُواْ بِـَٔايَـٰتِنَآ أُوْلَـٰٓٮِٕكَ أَصۡحَـٰبُ ٱلنَّارِ خَـٰلِدِينَ فِيہَاۖ وَبِئۡسَ ٱلۡمَصِيرُ 10
އަދި كافرވެ، ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، ނަރަކައިގެ أهلވެރިންނެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذۡنِ ٱللَّهِۗ وَمَن يُؤۡمِنۢ بِٱللَّهِ يَہۡدِ قَلۡبَهُ ۥۚ وَٱللَّهُ بِكُلِّ شَىۡءٍ عَلِيمٌ۬ 11
اللَّهގެ إذنފުޅަށްމެނުވީ، އެއްވެސް مصيبةއެއް ނުޖެހެއެވެ. އަދި اللَّهއަށް إيمانވާމީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّهއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَأَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۚ فَإِن تَوَلَّيۡتُمۡ فَإِنَّمَا عَلَىٰ رَسُولِنَا ٱلۡبَلَـٰغُ ٱلۡمُبِينُ 12
ތިޔަބައިމީހުން اللَّهއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسولއާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަމަށް) ފުރަގަސްދީފިނަމަ، ފަހެ، ތިމަންރަސްކަލާނގެ رسولއާގެ މައްޗަށް އޮތްކަން ކަށަވަރީ، بيانވެގެންވާ އިއްވެވުމެވެ.
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡيَتَوَڪَّلِ ٱلۡمُؤۡمِنُونَ 13
اللَّهއީ،އެކަލާނގެ މެނުވީ إلهއަކުނުވާ ރަސްކަލާނގެއެވެ. ފަހެ، مؤمنތަކުން، ހަމައެކަނި اللَّهއަށް وكيلކުރާ ހުށިކަމެވެ!
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُوٓاْ إِنَّ مِنۡ أَزۡوَٲجِكُمۡ وَأَوۡلَـٰدِڪُمۡ عَدُوًّ۬ا لَّڪُمۡ فَٱحۡذَرُوهُمۡۚ وَإِن تَعۡفُواْ وَتَصۡفَحُواْ وَتَغۡفِرُواْ فَإِنَّ ٱللَّهَ غَفُورٌ۬ رَّحِيمٌ 14
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް عداوةތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! ތިޔަބައިމީހުން عفوކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
إِنَّمَآ أَمۡوَٲلُكُمۡ وَأَوۡلَـٰدُكُمۡ فِتۡنَةٌ۬ۚ وَٱللَّهُ عِندَهُ ۥۤ أَجۡرٌ عَظِيمٌ۬ 15
ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحانއެއް ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّهގެ حضرةގައެވެ.
فَٱتَّقُواْ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُواْ وَأَطِيعُواْ وَأَنفِقُواْ خَيۡرً۬ا لِّأَنفُسِڪُمۡۗ وَمَن يُوقَ شُحَّ نَفۡسِهِۦ فَأُوْلَـٰٓٮِٕكَ هُمُ ٱلۡمُفۡلِحُونَ 16
ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ نفسގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ.
إِن تُقۡرِضُواْ ٱللَّهَ قَرۡضًا حَسَنً۬ا يُضَـٰعِفۡهُ لَكُمۡ وَيَغۡفِرۡ لَكُمۡۚ وَٱللَّهُ شَكُورٌ حَلِيمٌ 17
ހެޔޮވެގެންވާ ދަރަންޏަކުން اللَّهއަށް ތިޔަބައިމީހުން ދަރަންޏެއް ދޭނަމަ (އެބަހީ: اللَّهއަށްޓަކައި ހޭދަކުރާނަމަ) އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، އެތަކެތި ގިނަގުނަކުރައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ފާފަފުއްސަވާނެތެވެ. اللَّهއީ، ގިނަގިނައިން شكر قبولކުރައްވާ، حليمވަންތަ ރަސްކަލާނގެއެވެ.
عَـٰلِمُ ٱلۡغَيۡبِ وَٱلشَّہَـٰدَةِ ٱلۡعَزِيزُ ٱلۡحَكِيمُ 18
(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. عزيزވަންތަ، حكيمވަންތަ ރަސްކަލާނގެއެވެ.