بِسۡمِ ٱللهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން ފަށައިގަންނަމެވެ.
يَـٰٓأَيُّہَا ٱلنَّبِىُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِى مَرۡضَاتَ أَزۡوَٲجِكَۚ وَٱللَّهُ غَفُورٌ۬ رَّحِيمٌ۬ 1
އޭ ނަބިއްޔާއެވެ! اللَّه، ކަލޭގެފާނަށް حلالކުރައްވާފައިވާ ކަމެއް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުހުން ހޯއްދެވުމަށްޓަކައި ކަލޭގެފާނު حرامކުރައްވަނީ ކީއްވެގެންތޯއެވެ؟ اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަ ރަސްކަލާނގެއެވެ.
قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَيۡمَـٰنِكُمۡۚ وَٱللَّهُ مَوۡلَٮٰكُمۡۖ وَهُوَ ٱلۡعَلِيمُ ٱلۡحَكِيمُ 2
ތިޔަބައިމީހުންގެ ހުވާތަކުން ބަރީއަވާނޭގޮތް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވައިފިއެވެ. اللَّهއީ، ތިޔަބައިމީހުންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيمވަންތަ ރަސްކަލާނގެއެވެ
وَإِذۡ أَسَرَّ ٱلنَّبِىُّ إِلَىٰ بَعۡضِ أَزۡوَٲجِهِۦ حَدِيثً۬ا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُ ۥ وَأَعۡرَضَ عَنۢ بَعۡضٍ۬ۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَـٰذَاۖ قَالَ نَبَّأَنِىَ ٱلۡعَلِيمُ ٱلۡخَبِيرُ 3
ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންގެ އަރިހުގައި (އެބަހީ: حفصةގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން (عائشةގެފާނަށް) خبرކުރެއްވިހިނދު، އަދި اللَّه، އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު خبرކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި خبرދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ خبرއެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، خبيرވަންތަ ރަސްކަލާނގެއެވެ.
إِن تَتُوبَآ إِلَى ٱللَّهِ فَقَدۡ صَغَتۡ قُلُوبُكُمَاۖ وَإِن تَظَـٰهَرَا عَلَيۡهِ فَإِنَّ ٱللَّهَ هُوَ مَوۡلَٮٰهُ وَجِبۡرِيلُ وَصَـٰلِحُ ٱلۡمُؤۡمِنِينَۖ وَٱلۡمَلَـٰٓٮِٕڪَةُ بَعۡدَ ذَٲلِكَ ظَهِيرٌ 4
ތިޔަ ދެބޭކަނބަލުން اللَّهއަށް توبةވާނަމަ (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (رسولއާ އެދިވަޑައިގަންނަވާ ކަންތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّهއީ، އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި جبريلގެފާނާއި، صالح مؤمنންވެސްމެއެވެ. އަދި އެއަށްފަހު، ملائكةންވެސް، އެކަލޭގެފާނުގެ އެހީތެރިން ކަމުގައިވެއެވެ.
عَسَىٰ رَبُّهُ ۥۤ إِن طَلَّقَكُنَّ أَن يُبۡدِلَهُ ۥۤ أَزۡوَٲجًا خَيۡرً۬ا مِّنكُنَّ مُسۡلِمَـٰتٍ۬ مُّؤۡمِنَـٰتٍ۬ قَـٰنِتَـٰتٍ۬ تَـٰٓٮِٕبَـٰتٍ عَـٰبِدَٲتٍ۬ سَـٰٓٮِٕحَـٰتٍ۬ ثَيِّبَـٰتٍ۬ وَأَبۡكَارً۬ا 5
އެކަލޭގެފާނު، ތިޔަކަނބަލުން ވަރިކުރައްވައިފިނަމަ، ތިޔަކަނބަލުންނަށްވުރެ ހެޔޮކަންބޮޑު އަނބިންތަކެއް، އޭގެބަދަލުގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ދެއްވައިފާނެތެވެ. (އެއީ) إسلامވެގެންވާ، إيمانވެގެންވާ، ކިޔަމަންވާ، توبةވާ، އަޅުވެރި، ރޯދަހިފާ، ބިކުރުވެރިނޫން އަނބިންނާއި، ބިކުރުވެރި އަނބިންނެވެ.
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ قُوٓاْ أَنفُسَكُمۡ وَأَهۡلِيكُمۡ نَارً۬ا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ عَلَيۡہَا مَلَـٰٓٮِٕكَةٌ غِلَاظٌ۬ شِدَادٌ۬ لَّا يَعۡصُونَ ٱللَّهَ مَآ أَمَرَهُمۡ وَيَفۡعَلُونَ مَا يُؤۡمَرُونَ 6
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمرކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.
يَـٰٓأَيُّہَا ٱلَّذِينَ كَفَرُواْ لَا تَعۡتَذِرُواْ ٱلۡيَوۡمَۖ إِنَّمَا تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ 7
އޭ كافرވެއްޖެ މީސްތަކުންނޭވެ! މިއަދު ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުންނަށް ޖަޒާދެއްވާކަން ކަށަވަރީ، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކަށެވެ.
يَـٰٓأَيُّہَا ٱلَّذِينَ ءَامَنُواْ تُوبُوٓاْ إِلَى ٱللَّهِ تَوۡبَةً۬ نَّصُوحًا عَسَىٰ رَبُّكُمۡ أَن يُكَفِّرَ عَنكُمۡ سَيِّـَٔاتِكُمۡ وَيُدۡخِلَڪُمۡ جَنَّـٰتٍ۬ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَـٰرُ يَوۡمَ لَا يُخۡزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُواْ مَعَهُ ۥۖ نُورُهُمۡ يَسۡعَىٰ بَيۡنَ أَيۡدِيہِمۡ وَبِأَيۡمَـٰنِہِمۡ يَقُولُونَ رَبَّنَآ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَآۖ إِنَّكَ عَلَىٰ ڪُلِّ شَىۡءٍ۬ قَدِيرٌ۬ 8
އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، إخلاصތެރި توبةއަކުން، ތިޔަބައިމީހުން اللَّهއަށް توبةވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ إيمانވިމީހުން، اللَّه ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ نور، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
يَـٰٓأَيُّہَا ٱلنَّبِىُّ جَـٰهِدِ ٱلۡڪُفَّارَ وَٱلۡمُنَـٰفِقِينَ وَٱغۡلُظۡ عَلَيۡہِمۡۚ وَمَأۡوَٮٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ 9
އޭ ނަބިއްޔާއެވެ! كافرންނާއި، منافقންނާ ދެކޮޅަށް ކަލޭގެފާނު جهادކުރައްވާށެވެ! އަދި އެއުރެންގެ މައްޗަށް ހަރުކަށިވެވަޑައިގަންނަވާށެވެ! އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
ضَرَبَ ٱللَّهُ مَثَلاً۬ لِّلَّذِينَ كَفَرُواْ ٱمۡرَأَتَ نُوحٍ۬ وَٱمۡرَأَتَ لُوطٍ۬ۖ ڪَانَتَا تَحۡتَ عَبۡدَيۡنِ مِنۡ عِبَادِنَا صَـٰلِحَيۡنِ فَخَانَتَاهُمَا فَلَمۡ يُغۡنِيَا عَنۡہُمَا مِنَ ٱللَّهِ شَيۡـًٔ۬ا وَقِيلَ ٱدۡخُلَا ٱلنَّارَ مَعَ ٱلدَّٲخِلِينَ 10
نوحގެފާނުގެ އަނބިކަނބަލުންނާއި، لوطގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافرވިމީހުންނަށް اللَّه، مثالއެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمرގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانةތެރިވިއެވެ. ފަހެ، اللَّهގެ حضرةން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!
وَضَرَبَ ٱللَّهُ مَثَلاً۬ لِّلَّذِينَ ءَامَنُواْ ٱمۡرَأَتَ فِرۡعَوۡنَ إِذۡ قَالَتۡ رَبِّ ٱبۡنِ لِى عِندَكَ بَيۡتً۬ا فِى ٱلۡجَنَّةِ وَنَجِّنِى مِن فِرۡعَوۡنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ 11
އަދި فرعونގެ އަނބިކަނބަލުންގެ ވާހަކައިން، إيمانވި މީހުންނަށް اللَّه، مثالއެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرةގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި فرعونއާއި، އޭނާގެ (ނުބައި) عملން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި قومގެމީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!
وَمَرۡيَمَ ٱبۡنَتَ عِمۡرَٲنَ ٱلَّتِىٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهِ مِن رُّوحِنَا وَصَدَّقَتۡ بِكَلِمَـٰتِ رَبِّہَا وَكُتُبِهِۦ وَكَانَتۡ مِنَ ٱلۡقَـٰنِتِينَ 12
އަދި عمرانގެ ދަރިކަނބަލުން مريمގެފާނުގެ مثالވެސްމެއެވެ. އެކަމަނާއީ، އެކަމަނާގެ فرج ރައްކާތެރިކުރެއްވި ކަމަނާއެވެ. ފަހެ، ތިމަންރަސްކަލާނގެ روحފުޅުން އެކަމަނާގެ ގައިކޮޅަށް ފުމެލެއްވީމެވެ. އަދި އެކަމަނާގެ ވެރިރަސްކަލާނގެ كلمةފުޅުތަކާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތައް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާ ވަނީ، ކިޔަމަންތެރި އަޅުވެރިންގެ ތެރެއިންނެވެ.